ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތު އެނގެނީ ކިހާވަރަކަށް؟

sexuality
 ދެޖިންސް އަންގައިދޭ ގްލޯބަލް ނިޝާނެއް / ފޮޓޯ: ގޫގްލް
ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތުތަކަކީ ކޮންމެ މީހަކަށްވެސް އެނގުން މުޙިއްމު މަޢުލޫމާތުތަކެވެ. އެހެންނަމަވެސް މިކަމުގެ މުޙިއްމުކަމާއެކުގައިވެސް މިފަދަ ކަންތައްތަކުގެ ވާހަކަދެއްކުމަކީ މުޖުތަމަޢުގައި ބަލައިނުގަނެވޭކަމެއްގެގޮތުގައި ވަނީ ވެފައެވެ. އަދި ތަރައްޤީވަމުންދާ ޤައުމުތަކުގައިވެސް މިއީ ބޮޑު މައްސަލައެއްގެގޮތުގައި ފާހަގަވެފައިވާކަމެކެވެ. ޚާއްސަގޮތެއްގައި މިކަންކަމަށް ބޭނުންވާ މަޢުލޫމާތުތަކާއި ވަސީލަތްތައް ލިބޭނެ މަގުފަހިވެފައިނުވުމާއި، ރާއްޖޭގައިވެސް މުޖުތަމަޢުތެރޭގައި އޮންނަ ޤަބޫލުކުރުންތަކަކާ އުޞޫލުތަކާއެކުވެސް މިމަޢުލޫމާތުތަކަކީ ޒުވާނުންނަށް އެމީހުންގެ ޒަވާޖީ ހަޔާތެއް ފެށުމުގެ ކޮންމެހެން އެނގެން ޖެހޭނެ ކަންތައްތަކެއްނޫންކަމަށް ބެލެވިފައިވާކަމީ ޤަބޫލުކުރަންޖެހޭކަމެކެވެ.
ކަން މިހެން ހުރުމާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ މިކަމާއިބެހޭ ދިރާސާއެއް މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައެވެ. މިގޮތުން ރާއްޖޭގެ 6 އަތޮޅެއްގެ ފާހަގަކޮށްލެވުނު 11 ރަށަކުން އެއްކުރެވުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ “ރައިޓް ޓު ސެކްޝުއަލް އެންޑް ރިޕްރޮޑަކްޓިވް ހެލްތް އެޑިޔުކޭޝަން” ދިރާސާގައި ޖުމްލަ 858 މީހަކު ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި 473 އަންހެނުންނާއި، 385 ފިރިހެނުން ހިމެނޭ. ދިރާސާއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށްފައިވަނީ 402 ސްކޫލް ކުދިންނާއި، 128 ޒުވާނުން، 137 ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގެ 118 ފަރާތަކާއި ސިއްޙީ ދާއިރާގެ 73 ފަރާތެއް ހިމެނޭގޮތަށް ކުރިއަށްގެންދިޔަ އިންޓަރވިއުތަކުގެ މައްޗަށް ބިނާކޮށެވެ.

ދިރާސާގެ ނަތީޖާ
މިދިރާސާއަށް ބަލާލާއިރު ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަކީ ޒުވާނުންކަމުގައިވާއިރު، ޒުވާނުންގެ ބޮޑުބަޔަކަށް ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތުތައް ނޭގެކަމަށް ދައްކައެވެ. އެގޮތުން މިދިރާސާގައި އެންމެ ގިނަ މަޢުލޫމާތުތައް އެއްކޮށްފައިވާ ފުރާވަރު ޢުމުރުފުރާގެ ކުދިންގެތެރެއިން ގިނަ ކުދިންނަށް ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތަށް ވާސިލްވެވޭނެ ގޮތްތައް ނެތްއިރު، އެކަމާއިބެހޭ އެންމެ އަސާސީ މަޢުލޫމާތުތައްވެސް ނޭގެއެވެ. އަދި ސްކޫލް ތަޢުލީމުގެ ތެރެއިން ލިބެން ހުރި މަޢުލޫމާތުތައް މަދުކަން ފާހަގަވެފައިވާއިރު، އެފަދަ މަޢުލޫމާތުތައް ހޯދެން ހުރި ވަޞީލަތައްތައް މަދުކަން ފާހަގަކޮށްފައިވެއެވެ. މިފަދަ ކުދިން އިންޓަރނެޓާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް މިމަޢުލޫމާތުތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެހެންނަމަވެސް އެންމެ އެކަށީގެންވާ ރަގަޅު މަޢުލޫމާތު ނުލިބޭކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މިދިރާސާއިން އެނގޭގޮތުގައި ސްކޫލް ކުދިންގެ ތެރެއިން ކޮމާސް އަދި އާރޓްސް ސްޓްރީމްގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަދަ މަޢުލޫމާތުތައް އެނގޭ މިންވަރު މަދުކަމަށް އެޗްއާރުސީއެމް އިން ފާހަގަކުރެއެވެ. އެހެންކަމުން މިކަމުގައި ޚާއްސަ ސަމާލުކަމެއް ދިނުން މުޙިއްމުކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ސްކޫލް ކުދިންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއްކަމުގައި ފާހަގަކޮށްފައިވަނީ ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތުތައް ދިނުމަށް ބައެއް ޓީޗަރުން ފަސްޖެހި އަޅާނުލާ ދޫކޮށްލާކަން ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރަށްވެސް ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ފަރާތްތަކަށް ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތު ލިބެންހުރި ތަންތަނާއި ދެވޭ ޚިދުމަތްތައްވެސް ގިނަ ބައިވެރިންނަށް އެނގިފައިނުވާއިރު، އެފަދަ ޚިދުމަތްތައް ލިބޭ ތަންތަނުން ލިބޭ ޚިދުމަތާއިމެދުވެސް ހިތްހަމަނުޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
މިދިރާސާގެ ނަތީޖާއަށް ބަލާވެސް މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޤައުމީ އަދި ފަރުދީ ފެންވަރެއްގައި ގިނަ މަސައްކަތްކެއް މިވަނީ ކުރަންޖެހިފައެވެ. މިއީ އަޅާނުލާ ދޫކޮށްލެވޭ  ވަރުގެ ކަމެއްނޫންކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރަންޖެހެއެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެއޭ ބުނެވޭ ބީދައިން ޖިންސީ މަޢުލޫމާތާއި އުފަންވަނިވި ސިއްޙަތާއި ބެހޭ މަޢުލޫމާތުތަކީ ކޮންމެމީހަކަށްވެސް އެނގުން މުހިއްމުކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s