ތަރައްޤީގެ ގޮތުން ނަމޫނާ ރަށްތަކެއް

ތަރައްޤީގެ ގޮތުން ނަމޫނާ ރަށްތަކެއް ، ދ.ކުޑަހުވަދޫ އާއި ގދ. ތިނަދޫ

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ނަމޫނާ ރަށްތަކެއްގެ ގޮތުގައި ސަރުކާރުން ގެންދަވަނީ ރަށްތަކެއް ތަރައްޤީކުރައްވަމުންނެވެ. މިގޮތުން ދ. ކުޑަހުވަދޫ އާއި ގދ. ތިނަދޫ އަކީ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާ ދެރަށެވެ. އެދެ ރަށުގައި ބިން ހިއްކުމާއި، މަގުތަކުގައި ތާރުއެޅުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.

ނަމޫނާ ރަށްތަކެއް ތަރައްޤީކުރެއްވުމުގެ ގޮތުން ރާއްޖޭގައި މިހާރު އެންމެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށްގެންދަވާ ދެރަށަކީ ދ. ކުޑަހުވަދޫ އާއި ގދ.  ތިނަދޫއެވެ.

ދ. ކުޑަހުވަދޫ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށްގެންދަވާ / ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
ދ. ކުޑަހުވަދޫ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށްގެންދަވާ / ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ދ. ކުޑަހުވަދޫގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، މިމަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމެވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިއެއަރޕޯޓަކީ 1800

މީޓަރުގެ ރަންވޭއަކާ، ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރައްވާ އެއަރޕޯޓެކެވެ. 20 މިލިއަން ޑޮލަރުގެ މިމަޝްރޫޢު ހިންގެވުމަށް ކުޑަހުވަދޫގެ ފަޅުން 62 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ.

ދ. ކުޑަހުވަދޫގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްއެބަދެއެވެ. މިމަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ 13 މަގަކާއި އެރަށުގެ ބަނދަރު ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މިއީ 76 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި ވަނީ 45 ހެކްޓަރުގެ ބިން ހިއްކަވާފައެވެ. އެރަށަށް އިތުރުކުރެއްވި މިބަޔަކީ ކުޑަހުވަދޫގެ ހުޅަނގުފަރާތުން ހިއްކާފައިވާ ސަރަޙައްދެކެވެ.

މީގެ އިތުރުން، އާބާދީއާ ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ދ.ވާނީ މީހުންނާއި، ދ.ގެމެންދޫ މީހުން ބަދަލުކޮށްފައިވާ، އެއްފަސްކުރުމުގެ ނަމޫނާ ރަށެއްގެ ގޮތުގައި ކުޑަހުވަދޫ ފާހަގަކުރެވެއެވެ. ކުޑަހުވަދޫއަށް ހިޖުރަކޮށްފައިވާ މީހުންނާއެކު އެރަށުގައި 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަމަށް، ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ.

ގދ. ތިނަދޫއަކީ އެއަތޮޅު ގިނަ ރަށްރަށުގެ މީހުން އެކި ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ، އަދި ދިރިއުޅެމުންދާ ރަށެކެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށްގެން އެރަށުގެ ތަރައްޤީއަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. ތިނަދޫގެ ބިން ހިއްކެވުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ވަނީ 55 ހެކްޓަރުގެ ބިން ހިއްކަވާފައެވެ. މިއާއެކު އެރަށުގެ ބޮޑުމިނަކީ މިހާރު 167 ހެކްޓަރެވެ.

ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ތިނަދޫގައި ފްލެޓް އެޅުއްވުމުގެ މަސައްކަތް މިހާރުވަނީ ނިންމަވާފައެވެ. ގދ. އަތޮޅުގެ މީހުންނަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދެވި މިމަޝްރޫޢުގެ ދަށުން 120 ފްލެޓް ވަނީ ޢިމާރާތްކުރައްވާފައެވެ.

ގދ. ތިނަދޫގައި ޢިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ ކުރެހުމުގެ ފޮޓޯއެއް. މިިއީ 34.4 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް
ގދ. ތިނަދޫގައި ޢިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ ކުރެހުމުގެ ފޮޓޯއެއް. މިިއީ 34.4 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް

މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ޤާއިމްކުރައްވާ އެންމެ ބޮޑު އިސްލާމީ މަރުކަޒު ޢިމާރާތްކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވަނީ ގދ.ތިނަދޫގައެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ބިނާކުރައްވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢަށް ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކުޅިވަރުގެ ދާއިރާއިންވެސް ތިނަދޫގައި ދަނީ އެތައް މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މިގޮތުން ތިނަދޫގައި ސްވިމިންގ ޓްރެކެއް ތަރައްޤީކުރައްވައި، ބޭނުންކުރަން ވަނީ ފަށާފައެވެ. ދިގުމިނުގައި 25 މީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުރި މިސްވިމިންގ ޓްރެކަކީ މާލެ އާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް އެޅި ސްވިމިންގ ޓްރެކެވެ.

މީގެ އިތުރުން ސްޕޯރޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސްއާއި، ވޯޓަރ ތީމް ޕާކަކާއި، މިއުޒިއަމް ޕާކެއް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް އެރަށުގައި ގެންދަވަނީ ކުރައްވަމުންނެވެ.

 

Leave a comment